މުޤައްދިމާ




ޢަލީ ސަމީޙް
ދަރަވަންދޫ ކައުންސިލްގެރައީސް

އިންސާނުން އެންމެ ފުރިހަމަ ގޮތުގައި އުފައްދަވާ އެއިންސާނިއްޔަ ދަރިފަސްކޮޅު ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމެއްގެ ތެރެއިން ލައްވަވާ ދިރިއުޅުން އެންމެ ފުރިހަމަ ގޮތުގައި އާރާސްތުކުރުމުގެ ފުރިހަމަ ބުއްދި އިންސާނާއަށް ހިބަކޮށްދެއްވި الله تبارك وتعالى އަށް ޙަމްދުކުރަމެވެ.  އަދި މި ނިޒާމު އެންމެ ހަރުދަނާކަން މަތީ ތަންފީޡުކޮށްދެއްވި މިއުއްމަތުގެ އިމާމު މުޙައްމަދު ޙަބީބަށާއި އެމާތް ނަބިއްޔާގެ އަހުލު ބައިތުންނަށް ޞަލަވާތާއި ސަލާމު ލެއްވުން އެދި ދުޢާކުރަމެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން މިރަށު ތަރައްޤީގެ ޚިދުމަތްތަކަށް ނުހަނު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނެވެ. މިހުރިހާ ގޮންޖެހުންތަކާއެކުވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުމާއެކު ކައުންސިލުން ކަނޑައަޅާފައިވާ ރައްޔިތުންނަށް ކޮންމެހެން މިވަގުތަށް ބޭނުންޖެހިފައިވާ މުހިއްމު ބައެއް ކަންކަން ހާޞިލްކުރެވިފައިވާކަމުގައި ދަންނަވަމެވެ.

ނިމިދިޔަ އަހަރު ކުރެވުނު ބައެއް ކަންކަމުގެ ތެރޭގައި، ކުޑަކުދިންގެ ޕާކުތަރައްޤީކުރުމަށްޓަކައި ޕާކުގެ ވަށާފާރު ރާނާ ނިންމާލެވުނެވެ. ހަމައެއާއެކު ނަރުދަމާގެ މައުލޫމާތު ދިނުމާއި އަލަށް ގޯތިދިން ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް ކޮށް ނިންމާލެވިފައިވެއެވެ. އަދި އިޖުތިމާޢީ މަރުކަޒު ހުޅުވުމާއި ދެބުރެއްގެ މަތިން ރަށުން ކުނި ބޭރުކުރެވިފައިވާކަން ފާހަގަކޮށްލަމެވެ.

އަދި ހަމައެއާއެކު ހުކުރު މިސްކިތު މަރާމާތުގެ ގޮތުގައި ވަށައިގެންވާ ފެންޑާ ސީލިންގް ކުރުމާއި ޒަމާނީފެންވަރަކަށް ވުޟޫކުރާ އިސްކުރުބަރި ތަރައްޤީކޮށް ނިންމާލެވުނެވެ. އަދި އޮޑިދޯނިފަހަރަށް ބަނދަރުން ފެނާއި ކަރަންޓު ލިބޭނެގޮތަށް އިންތިޒާމުކޮށްދެވުނެވެ. މީގެ އިތުރަށް ބަނދަރު ލައިޓްތައް ލެޑް ލައިޓަށް ބަދަލުކުރުމާއި، މަސްމާރުކޭޓުގެ ޚިދުމަތް ރައްޔިތުންނަށް ދޭންފެށުނެވެ.

ކުރިއަށް އޮތް އަހަރަކީ އިރާދަކުރެވިއްޔާ ދަރަވަންދޫގެ ތަރައްޤީއާއި ރައްޔިތުންގެ ލާބަޔަށް މިކައުންސިލުން އަދުގެ ސަރުކާރާ ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރާނެ އަހަރެއް ކަމުގައި ދަންނަވަމެވެ. ލާމަރުކަޒީ ޤާނޫނުދަށުން ރަށުކައުންސިލަށް ލިބިދޭ ބާރުތަކާއެކު ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިދިގެންދާނެކަމާމެދަކު އެއްވެސް ޝައްކެތްނެތެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ މާތްﷲ އަޅުގަނޑުމެންނަށް ރަށުގެ ތަރައްޤީ ގެނައުމުގެ ހެޔޮ ވިސްނުމާއި ތައުފީޤު މިންވަރުކުރެއްވުމެވެ. އާމީން.