ލާމަރުކަޒީ ޤާނޫނުން ކޮންމެ 4 މަހަކުން ބޭއްވުމަށް ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުން

ބައްދަލުވުމުގެ ބާވަތް: ލާމަރުކަޒީ ޤާނޫނުން ކޮންމެ 4 މަހަކުން ބޭއްވުމަށް ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުން (އެޕްރީލް 2025)
ބައްދަލުވުން ބޭއްވި ތަން: ރަސްގެ އޮޑި މާލަން
ތާރީޚް: 15 އެޕްރީލް 2025
ބައްދަލުވުން ފެށި ގަޑި: 20:50
ބައްދަލުވުން ނިމުނު ގަޑި: 22:21
ޖަލްސާގެ ހާޒިރީ: 30

ޙިއްޞާކުރެވުނު ކަންތައްތައް

  • މަގޭ ޢީދު 1446
  • ޕޮލިސް ސްޓޭޝަން އެޅުމަށް ބޭނުންވާ ބިން ކަނޑައެޅުން.
  • ލޭންޑްޔޫސް ޕްލޭނިންގް އަށް ގެންނަން ބޭނުންވާ ބަދަލުތައް ޙިއްޞާ ކުރުން.
  • ރަށުތަރައްޤީއަށް ކުރަމުންދާ މަސައްކަތް ތަކުގެ އަދާހަމަ.
  • ރައްޔިތުންގެ މަޝްވަރާ

މަގޭ ޢީދު 1446

  • އަޟްޙާ ޢީދުގެ ކުޅިވަރުތައް ދަރަވަންދޫއަށް ޒިޔާރަތްކުރާ އަހަރާއި ގުޅިގެން ކުލަ ގަދަކޮށް ފާހަގަކުރުމަށް ކައުންސިލުން ނިންމާފައިވާކަމަށާއި ހުރިހައި ރައްޔިތުންގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާކަމަށް ދެންނެވިއެވެ.
  • މި އަހަރުވެސް ހަވާއެރުވުން އޮންނާނެކަމަށާއި އަދި އަލަށް ހަދާ ޕާކްވެސް ޢީދުވިލޭރޭ ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ދެންނެވިއެވެ.
  • ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމާއި ޢީދު ސައި އޮންނާނީ ފުޓްބޯޅަ ދަނޑުގައިކަމަށް ދެންނެވިއެވެ.
  • ޢީދުގެ ޚާއްޞަ ކުޅިވަރުތަކުގެ ތެރެއިން މިއުޒިކް ޝޯވތަކާއި ޘަޤާފީ ކުޅިވަރުތައް ހިމެނުމަށް މަސައްކަތްކުރަމުންދާކަމުގައި ދެންނެވިއެވެ. އަދި އަމިއްލަ ފަރާތަކުން މަސްރޭހެއް ބޭއްވުމަށް ސްޕޮންޝަރ ލިބިފައިވާކަމަށް ދެންނެވިއެވެ.

ޕޮލިސް ސްޓޭޝަން އެޅުމަށް ބޭނުންވާ ބިން ކަނޑައެޅުން.

  • ދަރަވަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕޮލީސް ސްޓޭންޝަން އެޅުމަށް ކުރިން ކަނޑައެޅި ބިމުގެ ބަދަލުގައި އެހެން ބިމެއް ކަނޑައެޅުމަށް ބޭނުންވާތީވެ، އެކަމުގައި ރައްޔިތުންގެ ލަފާ ބޭނުންވާކަމަށް ދެންނެވިއެވެ. ޕޮލީސް ސްޓޭޝަން އެޅުމަށް މަދުވެގެން ވިހިހާސް އަކަފޫޓުގެ ބިމެއް ބޭނުންވާކަމަށް އަންގަވާފައިވާކަމަށް ދެންނެވިއެވެ.  ޕޮލީސް ސްޓޭޝަން އަޅަނީ 2 ބުރިއަށްކަމަށާއި ކުށްވެރިން ބޭއްތިއްބުމަށް ސެލް ޢިމާރާތެއް ވަކިން އަޅާ ގޮތަށް ހަމަޖެހިފައިވާކަމަށް ދެންނެވިއެވެ.  ޕޮލީސް ސްޓޭޝަން އެޅުމަށް އެލްޔޫޕީގައި ކަނޑައެޅިފައިވާ ބިމަކީ ސްކޫލާއި ކައިރި ބިމެއް ކަމުން ތަފާތު އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެކަމަށް ލަފާކުރެވޭތީ، އެ ބިމުގެ ބަދަލުގައި ނަރުދަމާ ނިޒާމުގެ އެސްޓީޕީގެ ހުޅަނގަށް އޮތް ބިން ޕޮލީސް ސްޓޭޝަން އެޅުމަށް ހަމަޖެއްސުމަށް ރައްޔިތުންގެ ޚިޔާލަކީ ކޮބައިތޯ ދެންނެވިއެވެ.

ލޭންޑްޔޫސް ޕްލޭނިންގް އަށް ގެންނަން ބޭނުންވާ ބަދަލުތައް ޙިއްޞާ ކުރުން.

  • ހުޅަނގުކޮޅުން ހިއްކާފައިވާ ބިން ހެޔޮ ގޮތުގައި ބޭނުންކުރުމަށް އެ ސަރަހައްދުގައި ސަންސެޓް ރެސްޓޯރަންޓަކާއި ކޮންވެންޝަން ސެންޓަރެއް ޢިމާރާތްކުރުމަށް ރައްޔިތުންގެ ޚިޔާލަކީ ކޮބައިތޯ ދެންނެވިއެވެ. ކޮންވެންޝަން ސެންޓަރާއި އެކު ކޮޓަރިތަކެއް ޢިމާރާތްކުރެވޭނެކަމަށާއި މި ކަން ކުރެވޭނީ ރެސްޓޯރަންޓެއް ހިންގުމަށް ދޫކުރެވޭ ބިމުގެ ސީއެސްއާރ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށް ދެންނެވިއެވެ.  ކޮންވެންޝަން ސެންޓަރެއްގެ މުހިންމުކަން ވަރަށް ބޮޑުކަމަށާއި ރަށު ފަތުރުވެރިކަން ކުރިއަރަމުން އަންނަ އިރު އެއާއި ގުޅުން ހުރި މި ފަދަ ކަންކަން ތަޢާރަފްކުރުމުން އޭގެ ފައިދާ ރަށަށް އެތަށް ގޮތަކުން ކުރާނެކަމަށް ލަފާކުރެވޭކަމަށް ދެންނެވިއެވެ.

ރަށުތަރައްޤީއަށް ކުރަމުންދާ މަސައްކަތް ތަކުގެ އަދާހަމަ.

  • ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޢިމާރާތްކުރުމަށްޓަކައި ސްޕޯޓްސް އޭރީނާގައިވާ ވޮލީ ކޯޓުގެ ދެކުނުން އޮތް ބިން ކުޅިވަރާބެހޭ ވުޒާރާއަށް ދޫކުރެވިފައިވެއެވެ.
  • ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާލުމަށްޓަކައި އެޕްރީލް މަހުގެ ފަހުކޮޅު ފެނަކައާ ޙަވާލުކުރެވޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ.
  • ބަނދަރުގެ މަސައްކަތްވެސް ދެ ހަފުތާއެއްހާ ދުވަސް ފަހުން ފެށިގެން ކުރިއަށްދާނެ ކަމަށް އެމް.ޓީ.ސީ.ސީ އިން ވިދާޅުވެފައިވެއެވެ.
  • ފުޓްސަލް ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތަށް ބަޔަކު ހޯދުމަށް އިޢުލާނު ކުރެވިފައިވެއެވެ. ވީހާވެސް އަވަހަކަށް ދަނޑުގައި ޓާރފް އެޅޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
  • ތަރައްޤީކުރަމުންދާ ޕާކުގެ މަސައްކަތް މުޅިން ނިންމާލުމަށްފަހު ބޮޑު ޢީދުގައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
  • އައު މިސްކިތުގެ ކުރެހުން ލިބި، މިސްކިތުގެ މަސައްކަތް ފެށޭނެ ކަމަށް އުންމީދުކުރެވެއެވެ.
  • ކުރިއަށް އޮތް ބޮޑު ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ތައްޔާރީތައް ކުރިއަށް ގެންދެވެވެމުންދެއެވެ.

ރައްޔިތުންގެ މަޝްވަރާ

  • މުސްތަޤުބަލުގައި ރައްޔިތުންނަށް ގެއްލުން ނުލިބޭނެ ފަދަ ގޮތަކަށް ޕޮލިސް ސްޓޭޝަން އިމާރާތްކުރުމަށްޓަކައި ބިން ދޫކުރުމަށް މަޝްވަރާ ކުރެވުނެވެ. ޕޮލީސް ސްޓޭޝަން އެޅުމަށް 10000 އަކަފޫޓުގެ ބިމެއް ހަމަޖެއްސުމަށް މަޝްވަރާ ލިބުނެވެ.
  • ކޮންވެންޝަން ސެންޓަރު އެޅުމުގައި އެދިމާ މޫދަށް ގެއްލުން ނުލިބޭނެ ގޮތައް އެކަން ކުރުމަށް މަޝްވަރާ ލިބުނެވެ.
  • އީދުގެ ކުޅިވަރުތައް މުޅި ރާއްޖެއަށް ހުޅުވައިލައިގެން ކުރިއަށް ގެންދިއުމަށް މަޝްވަރާ ލިބުނެވެ.