މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ދަރަވަންދޫއަށް ޒިޔާރަތްކުރައްވައިފި

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރަމަންޓް އެންޑް ޕަބްލިކް ވޯރކްސް އާދަމް ޝަރީފު ޢުމަރު މިއަދު ހަވީރުގެ ވަގުތެއްގައި ދަރަވަންދޫއަށް ޒިޔާރަތްކުރައްވައިފިއެވެ.  މިނިސްޓަރުގެ އަރިހުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއި އިސްވެރިން ބައިވެރިވެލެއްވިއެވެ.

މިނިސްޓަރަށް މަރުޙަބާ ދެންނެވީ ކައުންސިލްގެ ރައީސާއި ކައުންސިލްގެ މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން ކައުންސިލްގެ މުވައްޒިފުންނެވެ.  މި ދަތުރުފުޅުގައި މިނިސްޓަރު ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ކަންކަން އޮޅުން ފިލުއްވައި މަޝްވަރާކުރެއްވިއެވެ.  ޚާއްޞަކޮށް ރަށުގެ ތަޢުލީމު ރަނގަޅުކުރުމަށް ބާރުއަޅުއްވައި ކައުންސިލުން އިސް ދައުރެއް އަދާކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ.  ރައްޔިތުންނާއި ގުޅުން ހުރި ކަންކަން އޮޅުން ފިލުއްވައި މިނިސްޓްރީގެ ފުރިހަމަ އެހީތެރިކާއި އެއްބާރުލެއްވުން ދެއްވާނެކަމަށް ދެންނެވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ޢަލީ ސަމީޙު ފާހަގަކުރެއްވީ ކައުންސިލްތަކަށް ޚާއްޞަ ވުޒާރެއް އުފައްދަވާ ދެއްވިކަމީ ލާމަރުކަޒީ އުސޫލުން ހިންގުމަން ސަރުކާރުން ދެއްވާ އަހަމިއްޔަތު ހާމަވާކަމެއްކަމަށާއި ރަށުގެ ތަރައްގީއަށް ހިންގުމަށް ހަމަޖެހިފައިވާ މަސްރޫޢުތައް އަވަސްކޮށްދެއްވުމަށް އެދޭކަމަށެވެ.  ޚާއްޞަކޮށް ސްކޫލުގެ ޕީއެސްއައިޕީގެ ޕްރޮޖެކްޓާއި އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތް އަވަސްކޮށްދެއްވުން މަސައްކަތްކޮށްދެއްވުމަށް ދެންނެވިއެވެ.

ބައްދަލުވުމަށްފަހު ކައުންސިލްގެ އިދާރާގެ ހާލަތު މިނިސްޓަރު ބައްލަވާލެއްވިއެވެ.