“ދަރަވަންދުއަށް ޒިޔާރަތްކުރުމުގެ އަހަރު 2025” ގައި ހިންގުމަށް ރާވާފައިވާ ޙަރަކާތްތައް

މަގޭ ދަރަވަންދުއަށް ޒިޔާރަތް ކުރުމުގެ އަހަރު 2025

“އިޙްސާސްތައް އެންމަޑިއާއެކުގައި”

ދަރަވަންދޫ ކައުންސިލުން “ދަރަވަންދުއަށް ޒިޔާރަތް ކުރުމުގެ އަހަރު” ފާހަގަކުރަނީ، ދަރަވަންދޫގެ ގުދުރަތީ ރީތިކަމާއި ނަލަކަން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިންނަށް ހާމަކޮށްދިނުމަށެވެ.

މާޅޮސްމަޑުލު ދެކުނުބުރީގައި، ދަރަވަންދޫ ކައިރީގައި އޮތް ހަނިފަރަކީ ޔުނެސްކޯގެ ބައޮސްފިއާ ރިޒާވްގައި ހިމަނާފައިވާ ގުދުރަތީ އަޖާއިބުތަކުން ފުރިފައިވާ އަދި މި ރަށުގެ އިޤްތިޞާދު ކުރިއެރުވުމަށް އެހީތެރިވާނެ ތަނެކެވެ.

މި މަޝްރޫޢުގައިވާ، މި ރަށުގައި ހިންގާ މުހިންމު ޙަރަކާތްތައް އަހަރުތަކެއްގެ ތެރޭގައި ހިންގާގޮތަށް ރާވާފައިވަނީ، ފަސްއަހަރަށް ހިންގާނެ އިސްތިރާޖީ ޢަމަލީ މަޝްރޫޢު ތަންފީޒުކުރުމަށެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބިނާތައް ހަރުދަނާކޮށް، ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް، ރަށުގެ ތާރީޚާއި ސަގާފަތް ދިރުވުމުގެ ތެރެއިން، ދިގު މުއްދަތެއްގެ ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ޔަގީންކަމާއެކު މުޖުތަމަޢަށް ތަރައްޤީ ގެނައުމެވެ.

ދަރަވަންދުއަށް ޒިޔާރަތްކުރަންވީ ކީއްވެ؟

މާޅޮސްމަޑުލު ދެކުނުބުރީގައި ވިދަވިދައި އޮތް ސާފު މޫދުގައި، މޫދު މަޑިއާއި ފެހުރިއްސާއި ވެލާ ކަހަނބުގެ މުއްސަންދިކަމާއެކު، ގުދުރަތީ ރީތިކަމާއި އަޖާއިބުތައް ހުރިކަން ދުނިޔެ ދަންނަ، ޔުނެސްކޯ ބައޮސްފިއާ ރިޒާވްގައި ހިމަނާފައިވާ ހަނިފަރާ ކައިރީގައި ދަރަވަންދޫ އޮންނާތީވެއެވެ.

ހަނދާނުން ފޮހެލަން ދަތި ތަޖުރިބާތަކާއި، ހެދެމުން އުފެދެމުންދާ ގުދުރަތީ ދިރުންތަކުގެ ހިތްގައިމު ނަލަ މަންޒަރުތައް މިރަށުން ފަތުރުވެރިންނަށް ގެނެސްދޭނެތީއެވެ.

ރާއްޖޭގެ އެހެން ރަށްރަށާ އެއްފަދަ ރަށެއް ނޫން ކަމާއި، އެއީ، ނާދިރު އަމިއްލަވަންތަ ސަގާފަތަކާއި، ގުދުރަތީ ނަލަކަމެއް ލިބިފައިވާ، ފަތުރުވެރިންނަށް އާ އިޙްސާސްތަކެއް ގެނެސްދޭނެ ރަށަކަށްވާތީއެވެ.

މަޝްހޫރު މޫދު މަޑިތައް ކައިރިން ފެންނާނެތީއެވެ.

މޫދުގައި ފަތާ، ފީނާ މީހުންނަށް ގުދުރަތީ އުފެއްދުމުގެ ހިތްގައިމު ޗާލުކަމާއި ނަލަކަން ފެންނާނެތީއެވެ.

އަރައިގެން އަންނަ އިރާއެކު ހަމަހިމޭން ރަށެއްގައި، ވެލިމަގުތަކުގައި، ފެހި ގަސްކަރައެއްގެ ތެރޭގައި، ބައިސްކަލުގައި ބުރުޖަހާއިރު، އަމިއްލަވަންތަކަމާއެކު ދިރެމުން ކުރިއަރަމުން އަންނަ ސަގާފަތެއް ހިތުގެ ފުންމިނުން އިޙްސާސްކޮށް ތަޖުރިބާ ކުރެވޭނެތީއެވެ.

“ދަރަވަންދުއަށް ޒިޔާރަތްކުރުމުގެ އަހަރު 2025” ގައި ހިންގުމަށް ރާވާފައިވާ ޙަރަކާތްތައް

 “ދަރަވަންދުއަށް ޒިޔާރަތްކުރުމުގެ އަހަރު 2025” ފާހަގަކުރަން ނިންމައި، ވިސްނައި ފިކުރުކޮށްގެން ފާހަގަކޮށްލެވޭނެ ގޮތަށް ވާދަވެރިކަމާއެކު ހިންގާނެ ޙަރަކާތްތައް ކަނޑައެޅީ ދަރަވަންދޫ ކައުންސިލުގެ ބައިވެރިވުމާއެކުއެވެ.

މި އިސްނެގުމުގެ މަތިން، ކުރިމަގުގައި ފާހަގަކުރާނެ ކަންކަން ފަރުމާކޮށްފައި ވާނީ، ދަރަވަންދޫގެ އަމިއްލަވަންތަ ސަގާފަތާއި، ގުދުރަތީ ރީތިކަމާއި، މުޖުތަމަޢުގެ އެއްބައެއްވަންތަކަމުގެ ހަރުދަނާ ބިންގަލުގެ މަތީގައެވެ.

މި ޙަރަކާތްތަކުގައި ބަލާނީ، ފަތުރުވެރިކަން ކުރިއަރުވައި، ދެމެހެއްޓެނިވި ތަރައްޤީ ގެނެސް، ވެށި ރައްކާތެރިކުރުމަށެވެ.

މި އެއްބާލުމުގެ ތެރެއިން އުފެދިގެން އަންނާނީ، ފުޅާ އިސްތިރާޖީ މަޝްރޫޢެކެވެ.

އަދި މި މަޝްޢޫގައި ހިމެނޭ ބައިތައް ހިމަނައިގެން ޢަމަލީ އިސްތިރާޖީ މަޝްރޫޢެއް އެކުލަވައިލައިގެން ކުރިޔަށް އޮތް ފަސްއަހަރު ހިންގުމެވެ.

މަޤްޞަދަކީ، ބިނާވެށި ހަރުދަނާކޮށް، ދިރިއުޅުން ކުރިއަރުވައި، ރައްކާތެރިކޮށް، ފާހަގަކޮށްލެވޭ އުންމީދީ އުފާވެރި މާހައުލެއް ޖީލުތަކަކަށް ފޯރުވައިދިނުމެވެ.

ޖަނަވަރީ

ދަރަވަންދޫގެ ރައްޔިތުން ދެނެގަންނަމާ!

ދަރަވަންދުއަކީ، ޙަޤީޤީ ރީތި އުފާވެރި ދިރިއުޅުމަކާއި ސަގާފަތެއް އޮތް ރަށެއް. ފަތުރުވެރިންނަށް މިކަން ދެނެގަނެ، ތަޖުރިބާ ކުރެވޭނީ، މިކަން އަންގައިދިނުމަށް ހިންގާ ޕްރޮގްރާމްތަކުގައި ރަށުގެ ރައްޔިތުންނާއެކު ފަތުރުވެރިން ބައިވެރިކޮށްގެން، ބަދަހިކަމާއެކު އެކުގައި އުޅެގެން.

އަދި މިކަން އަންގައިދެވޭނީ، އާސާރީ އުފެއްދުންތައް އުފެއްދުމުން، ކަންކަން ބުނެދީ ކިޔައިދިނުމުން، ގޭގެއަށް ޒިޔާރަތްކުރުވުމުން، ކާބޯތަކެތީގެ ރަހަތައް އިޙްސާސްކޮށްދީގެން، މަސްދަތުރު ގެންގޮސްދީގެން، ހާމަ ތަންތަނުގައި ކުޅޭ ކުޅިވަރު ކުޅުން ފަދަ ޙަރަކާތްތައް ބައިވެރިކޮށްގެން.

ރަށުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ޝައުޤުވެރިކުރުވުމަށްޓަކައި، އެންމެ ފުރަތަމަ ތަރުޙީބާއެކު އަތްޖަހައި، އަތާއަތްޖޯޑުކޮށް ސަލާންގަލާން ކޮށްގެން، ސަގާފަތް ކިޔައިދީގެން، ދަރަވަންދޫގައި ދިރިއުޅުމުގެ ހިތްގައިމުކަން ބުނެދީގެން.

ފެބުރުވަރީ

ދަރަވަންދޫ ކުރިއެރުވުމަށް، “ރަޙްމަތްތެރިކަމާއެކު ހިނިތުންވުން”

ފެބުރުވަރީ މަހުގެ ތެރޭގައި އިސްކަންދޭނީ، ރަޙްމަތްތެރިކަން އާލާކުރާނެ ބައްދަލުވުންތަކާއި ތަމްރީނުތައް ދަރަވަންދޫގައި ހިންގައިގެން މި ދާއިރާ ދަންނަ މީހުން އުފެއްދުމަށް.

މި އިސްނެގުމުގެ މަޤްޞަދަކީ، ޚިދުމަތުގެ ފެންވަރު މަތިކޮށްގެން، މަތީ ދަރަޖައެއްގައި ތަރުޙީބާއި ހިނިތުންވުމާއެކު ޚިދުމަތް ލިބެނީ ހަމައެކަނި ދަރަވަންދޫންކަން ފަތުރުވެރިންނަށް ފުންކޮށް އިޙްސާސްކޮށްދިނުން.

ފެބުރުވަރީ މަހުގެ ތެރޭގައި ހިންގާނެ ޙަރަކާތްތަކަކީ:-

  • މަންތާ ސެންޓަރުގެ ވިސްނުން އިފްތިތާޙުކުރުން
  • ރަޙްމަތްތެރިކަމާއެކު ޚިދުމަތް ދިނުމުގެ ހުނަރު މަތިކުރުމުގެ ބައްދަލުވުން ބޭއްވުން.
  • ސަގާފީ ޙަރަކާތް، މާހެފުން (ރަމަޟާންމަހުގެ ކުރިން) އަދި ބޮޑު ދަރުސް (ރައްޔިތުން ބައިވެރިކޮށްގެން) ބޭއްވުން.
  • މުރަކައިގެ ޕާކެއް މޫދުގައި އިފްތިތާޙުކުރުމާއި، އިންސްޓްގްރާމް މެދުވެރިކޮށް ދެއްކުމާއި، މިއީ ތަފާތު ތަނެއްކަން ފަތުރުވެރިންނަށް އަންގައިދިނުން.

މި ކަންކަމުން ހާމަވާނީ، ރަށުފެންވަރުގެ ފަތުރުވެރިކަން މަތީފެންވަރުގައި ދަރަވަންދޫގައި އޮތްކަން.

މާރިޗު، އޭޕްރިލް

ދަރަވަންދޫ މުޖުތަމަޢުގައި ރަމަޟާންމަސް، “މުޖުތަމަޢުގެ އިސްނެގުމާއި އަޅުކަން”

މާރިޗު މަހާއި އެޕްރީލް މަހުގައި އިސްކަންދޭނީ، ރަމަޟާންމަހާއި ޢީދުތެރޭގައި ފައްކާކުރެވިފައިވާ ފުރިހަމަ ޙަރަކާތްތަކެއް އެއްބާރުލުމާއެކު އެންމެން ގުޅިގެން ގެނެސްދިނުމަށް.

މި އިސްނެގުމުގެ ތެރެއިން، ރަށުގެ ރައްޔިތުންނާއި ފަތުރުވެރިން ބައިވެރިވާގޮތަށް އަޅުކަމާގުޅިފައިވާ ވާހަކަތައް ކިޔައިދިނުން، ހާރުކެއުން، އެއްތަނަކަށް އެއްވެގެން އަޅުކަން ކުރުން، ހަވީރުގެ ވަގުތުގައި ރޯދަކުރުކުރުމަށް ކުޅިވަރު ކުޅުން، އެކަކު އަނެކަކަށް އިޙްތިރާމާއެކު އަޅައިލުން އާލާކުރުން ހިމެނޭނެ.

ހަމައެއާއެކު ހީވެސް ނުކުރާ ކަހަލަ ހަދިޔާތައް އެއް ގެއިން އަނެއް ގެއަށް ގެންދިއުމުގެ ރޫޙު މުޖުތަމަޢުގައި އުފައްދައިގެން، ފަތުރުވެރިންނަށް ޙައިރާންކަމެއް ގެނެސްދީ މަރުޙަބާ ކިޔުން، އަދި ކެރިގެން، ގުޅިގެން، އެއްބާރެއްލައިގެން ފަތުރުވެރިންނަށް ޚިދުމަތް ދިނުން.

ކުރާނެ ކަންކަމާއި ހިންގާނެ ޙަރަކާތްތައް:-

  • މަގޭ ދަރަވަންދޫ މަދަޙަ މުބާރާތް.
  • ސިކްސް އަސައިޑް ކްރިކެޓް މުބާރާތް.
  • ޢީދު ހަދިޔާ ބަދަލުކުރުން ފާހަގަކުރުން.
  • އެއްތަނަކަށް އެއްވެގެން މަޑިއެރުވުން.
  • އެންމެން ބައިވެރިވާ ތަރާވީޙެއް ބޭއްވުން.
  • މަހަކު އެއްފަހަރު ބާއްވާ ސަގާފީ ޝޯ އިފްތިތާޙުކުރުން.

މޭ

މެދުކެނޑުމެއް ނެތި ދަރަވަންދޫން، “މަރުޙަބާއާއެކު ފަތުރުވެރިންނަށް އަޅާލުން”

މޭ މަހުގެ ތެރޭގައި، ހަމަހަމަކަމާއެކު އެންމެންނަށް ބައިވެރިވެވޭނޭހެން ހަށިހެޔޮކަމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރި ކުރުމުގެ ޙަރަކާތްތައް ރަށުގެ އަހުލުވެރިންނަށާއި ފަތުރުވެރިންނަށް ހިންގާނެ.

މި ޙަރާތްތަކުގައި، ހަށިހެޔޮކޮށް، ނަފުސާނީ ދުޅަހެޔޮކަމުގައި ތިބުމަށް ބޭނުންވާނެ ގޮތްތައް އުނގެނުމަށް ބާރުއަޅާނެ.

ހިންގާނެ ޙަރަކާތްތަކަކީ:-

އެންމެން ބައިވެރިކޮށްގެން “ޢާއިލީ ހަވީރު” ބޭއްވުން. މި ހަވީރުގެ ބޭނުމަކީ، އުފާވެރި މާހައުލެއްގައި އެކަކު އަނެކަކާ ގުޅުން ބަދަހިކުރުން.

ފަތުރުވެރިންނަށް ތަރުޙީބާއެކު އުފަލުން މަރުޙަބާ ކިޔުން. “މަގޭ ދަރަވަންދޫ ތޮފި” ހަދިޔާ ކުރާނީ ރަޙްމަތްތެރިކަމާއި، އަޅާލުމުގެ ރަމްޒެއްގެ ގޮތުގައި.

ހިނިތުންވުމުގެ ކެމްޕޭން ފަށައިގަތުން، އަދި ދޭދޭގުޅުން ބަދަހިކޮށް އަޅާލައިގެން، މުޖުތަމަޢުގެ އެއްބައެއްވަންތަކަން ކުރިއަރުވަން ހިތްވަރުދީގެން، އެހީތެރިވެދީގެން، އާންމު އިޤްތިޞާދީ ނަފާވެރިކަން ކުރިއެރުވުން.

ޖޫން

ދަރަވަންދޫގައި ޢީދު ފާހަގަކުރުން- “ސަގާފީ ގުޅުން ބަދަހިކުރުން”

ޖޫން މަހުގެ ތެރޭގައި ޢީދު ފާހަގަކުރާނީ، ރަށުގެ މުއްސަނދި ސަގާފަތާއި، ހިތްގައިމު އުފާވެރި ދިރިއުޅުން ދައްކައިދިނުމަށް.

މިކަންކަން ދައްކައިދޭނީ، ސަގާފީ މިޔުޒިކާއި، ނެށުމުގެ ތެރޭގައި ފޯރިއާއެކު.

ދަރަވަންދޫގެ ނަލަ އަމިއްލަވަންތަކަން އަންގައިދޭ ޙަރަކާތްތައް ގެނެސްދޭނީ، ދިވެހިވަންތަކަމާއެކުގައި، ފަތުރުވެރިން ބަލާހިތްވާގޮތަށް، ފޮނިމީރުކަން އިޙްސާސްކުރެވޭ ގޮތަށް.

ހިންގާނެ ޙަރަކާތްތަކަކީ:-

  • ޢީދުގެ މުނާސަބަތުގައި ބާއްވާ ސަގާފީ ޙަރަކާތްތައް
  • ދޭސީ-ބިދޭސީން ބައިވެރިކޮށްގެން އިޖްތިމާޢީ ގުޅުން ބަދަހިކުރުމުގެ ޙަރަކާތްތައް
  • ތަފާތު ސަގާފީ ފަރި ޙަރަކާތްތައް ހިމަނައިގެން ސަގާފީ ކުޅިވަރު ކުޅުން
  • ރަށްފުށުގެ ލަވަތައް ތަޢާރަފުކުރުން. އިންސްޓްގްރާމް މެދުވެރިކޮށް ލަވަފޮތާއި، ލަވަތައް ރަށްފުށުގެ ސަފާތް ހާމަވާގޮތަށް ގެނެސްދިނުން.

ޖުލައި

ދަރަވަންދުއާއެކު ޤައުމު ކުރިއެރުވުން – “މިނިވަންކަމާއެކު އިޖްތިމާޢީ ކަންކަމުގައި އެންމެން ބައިވެރިވަމާ ހިނގާ!”

އިޖްތިމާޢީ ލާބައަށްޓަކައި، އަމިއްލައަށް އިސްނަގައިގެން، ފަތުރުވެރިންނާއެކު އިޖްތިމާޢީ ޚިދުމަތުގައި ރަށުގެ އަހުލުވެރިން ބައިވެރިވާނީ، ދިގު މުއްދަތެއްގެ ތެރޭގައި މި ހިތްގައިމު މާޙައުލު ތަރައްޤީކުރުމަށް.

މާނަވީ ގޮތެއްގައި އިޖްތިމާޢީ ކަންކަމުގައި ބައިވެރިވެ ހާމަކޮށްދޭން ބޭނުންވާނީ ކުރިމަގަށް އުންމީދެއް އޮތްކަން.

ހިންގާނެ ޙަރަކާތްތަކަކީ:-

  • އެންމެން ބައިވެރިވާ ކަރޯކޭއެއް ބާއްވައިގެން ވާދަކޮށްގެން އުފާވެރިކަން ހޯދުން.
  • އިންސްޓްގްރާމް މެދުވެރިކޮށް، ފާހަގަވާ ކަންކަމަށް އިނާމު ދިނުމަށް ހުޅުވާލައި، ރަށުގެ ހިތްގައިމު ޗާލުކަމާއި ނަލަކަން ހާމަކޮށްދިނުން.

އޯގަސްޓު

ދަރަވަންދޫގެ ޒުވާނުންނާއެކު މަންތާ – “ކުރިމަގަށްޓަކައި ގުދުރަތީ ޗާލުކަމާއި، ދިރުންތަކަށް ރައްކާތެރިވަމާ!”

އޯގަސްޓްމަހުގެ ތެރޭގައި ޒުވާނުން ބައިވެރިކޮށްގެން ގޮނޑުދޮށުގައި ގަސް އިންދައި ޗާލުކޮށް، ސާފުތާހިރުކުރާނެ. އަދި ކުރިމަގުގައި ފަރުދީ އެއްބާރުލުމުގެ ތެރެއިން ހިނގަމުންދާނެ ކަމަކަށް މިކަން ހަދައި ވެށި ޙިމާޔަތްކުރާނެ.

އަހަރެމެން ގާތަށް އަންނަ މެހްމާނުންނަށް ހިތްވަރުދޭނީ އަހަރެމެންނާ ގުޅިގެން މިކަމުގައި ބައިވެރިވެ، މި ހިތްގައިމު ޗާލުކަމާއި ނަލަކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް.

ހިންގާނެ ޙަރަކާތްތަކަކީ:-

  • މަގޭ ދަރަވަންދޫ ފުޓްސެލް ފިއެސްޓާ – އިޖުތިމާޢީ ވާދަވެރިކަމުގެ ތެރެއިން އުފާވެރިކަން.
  • މަންތާ ޑޭ އެންޑް މަންތާ ފެސްޓިވަލް – މަންތާރޭގެ ނަލަކަން ފާހަގަކޮށް، ރައްކާތެރިކުރުމުގެ ހޭލުންތެރިކަން އިތުރުކުރުން.
  • ވެށީގެ ޙިމާޔަތަށް ޒުވާނުންގެ ބައިވެރިވުން –ރަށުގެ ރީތި ނަލަ ވެށި ރައްކާތެރި ކުރާނީ ޒުވާން އަތްތަކުން.

ސެޕްޓެންބަރު

ދަރަވަންދޫ އަތިރިމަތީގައި ކުޅިވަރު – “ޖޯޝާއެކު އާބާރެއް ލައިގެން ދިރުވަމާ!”

ސެޕްޓެންބަރުމަހުގެ ތެރޭގައި، އެންމެންގެ އެއްބާރުލުމާއެކު އަތިރިމަތީގައި ކުޅޭ ކުޅިވަރުތަކާއި ޙަރަކާތްތައް ހިންގައި ފުޅާކޮށް، ހަށިހެޔޮކަމާއި ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ބައްދަލުވުންތައް ބޭއްވޭނެ.

ފަތުރުވެރިންނާއި ރަށުގެ އަހުލުވެރިން ބައިވެރިކޮށްގެން، ބީޗް ވޮލީއާއި، ފުޓްސެލްއާއި، މަސްރޭހާއި، ސިކްސް އަސައިޑް ކްރިކެޓާއި، ވާދެމުމާއި، މޫދުކުޅިވަރުތައް ބާއްވާނީ، ބައިވެރިންނަށް ހިތްހަމަޖެހުން ގެނެސްދޭނެ އިނާމުތަކާއެކުގައި.

މި ޙަރަކާތްތަކުން ދައްކައިދޭނީ، ދަރަވަންދޫގެ ޒުވާނުންގެ މެދުގައި ވެށި ރައްކާތެރިކުރުމަށް އޮތް އެއްބާރުލުމުގެ ވަރުގަދަ ރޫޙު. އަދި މުޖުތަމަޢުގެ އެއްބައެއްވަންތަކަމުގެ ރޫޙު ވަރުގަދަކުރުމަށްޓަކައި، ސްކޫލްތަކާއި އަވަށްޓެރި ރިޒޯޓުތަކާއި ކްލަބް ޖަމްއިއްޔާތަކަށް ބައިވެރިވުމުގެ ދަޢުވަތު އަރުވާނެ.

ހިންގާނެ ޙަރަކާތްތަކަކީ:-

  • މޫދުކުޅިވަރު މުބާރާތްތައް
  • ހަވީރުއުފާ ވިސްނުން ތަޢާރަފުކުރުން- ހަވީރާއި ރޭގަނޑުގެ ކުޅިވަރުތަކާއި އެކިއެކި ޙަރަކާތްތައް ތަޢާރަފު ކުރެވޭނެ.

އޮކްޓޫބަރު

ދަރަވަންދޫން ރަހަތަފާތު – “ކައްކައި ކައިގެން އުޖާލާކަން ގެންނަމާ!”

އޮކްޓޫބަރުމަހުގެ ތެރޭގައި ބާއްވާ ރަހަތަފާތުގައި އެކި މޭޒުތަކުން ފަތުރުވެރިން ތަޖުރިބާކުރާނީ ދަރަވަންދޫގައި އުފައްދާ ކާނާގެ ރަހަތައް. އަދި ރަށްފުށުގެ ކާނާ އުފެއްދުމުގެ ބައްދަލުވުމެއް ފަތުރުވެރިންނަށް ހިންގާނީ، ދަރަވަންދޫގެ ކާނާގެ ރަހަމީރުކަން ފުން އިޙްސާސްތަކާއެކު ތަޖުރިބާކުރުވުމަށް.

 މި ޙަރަކާތުގައި، ގޯތިތެރޭގައި ހައްދާ ފައިދާހުރި މޭވާއާއި ފަލަމަޑީގެ ބާވަތްތަކުގެ އުފެއްދުންތަކަކީ އަގުހެޔޮ، ޞިއްޙަތަށް ފައިދާ ހުރި ކާނާކަން ބުނެދެވޭނެ.

ހިންގާނެ ޙަރަކާތްތަކަކީ:-

  • ކާބޯތަކެތީގެ މަޢުރަޒު
  • ދަރަވަންދޫ ކޮފީ ޓޭބަލް ފޮތް ތަޢާރަފުކުރުން – ދަރަވަންދޫގެ ސަގާފަތާއި ނަލަކަން ހާމަވާ ފޮޓޯތައް މި ފޮތުގައި ހުންނާނެ.
  • ދަރަވަންދުއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ޕޯސްޓްކާޑު ތަޢާރަފުކުރުން

ނޮވެންބަރު

ދަރަވަންދޫން އިޖްތިމާޢީ އެއްބާރުލުން – “އުޖާލާ ކުރިމަގަކަށް އެންމެން އެކީގައި އެއްވާނެއްގައި”

ނޮވެންބަރުމަހުގެ ތެރޭގައި ކުރިމަގު އުޖާލާކުރުމަށްޓަކައި، އެންމެ އެކުގައި އެއްވާނެއްގައި އެއްބާރެއްލައިގެން ހާސިލުކުރި ކާމިޔާބީ ދަމަހައްޓައި ވަރުގަދަކުރުމަށާއި،

ތަރައްޤީގެ އާ އުސްމިނަކަށް ދިއުމަށް ލިބެންހުރި ފުރުޞަތުތަކާއި ދިމާވާނެ ގޮތްޖެހުންތަކާމެދު ރަށުގެ ރަށްވެހިންނަށް ހުޅުވާލައިގެން މަޝްވަރާ ބައްދަލުވުން ބާއްވާނެ.

ކުރިމަގު އުޖާލާ ކުރުމަށް ރަށުގެ އާދަކާދަތަކާއި ރަށްވެހިންގެ ބަދަހި ގުޅުން ވަރުގަދަކޮށް ހަރުދަނާކުރުމަށް ފިޔަވަޅު އަޅަމުންދާނެ. އަދި ފެބުރުވަރީ މަހުގެ ތެރޭގައި ތަޢާރަފުކޮށްފައިވާ މަންތާ ސެންޓަރު ފަދައިން، ކަލްޗަރަލް ސެންޓަރު ޢާންމުކޮށް ހުޅުވާ ތާރީޚީ މަހަށް ނޮވެންބަރުމަސް ހަދާނެ. 

ޑިސެންބަރު

ދަރަވަންދޫ ރަށްވެހިންގެ އަގު ވަޒަންކުރުން – “ދަރަވަންދުއަށް ޒިޔާރަތް ކުރުމުގެ އަހަރު 2025 ގެ ބައިވެރިންގެ ޚިދުމަތް ފާހަގަކޮށް އަގު ވަޒަންކުރުން”

ޑިސެންބަރު މަހުގެ ތެރޭގައި މި އަހަރަށް ކަނޑައަޅާފައިވާ ޙަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާނީ ފަސްފަހަތަށް ބަލައި، ދަރަވަންދުއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ބައިވެރިންގެ ޚިދުމަތުގެ އަގު ވަޒަންކުރުމާއެކުގައި. އަދި ދަރަވަންދޫގެ ބަދަހި ރަށްވެހިންނަކީ، ރަށްފުށު ފަތުރުވެރިކަން އާ އުސްމިނަކަށް ގެންދިއުމަށް، ގުޅިގެން އެންމެން އެކުގައި އެއްވާނެއްގައި އެއް އަޒުމެއްގައި އިސްނަގައިގެން ތާއަބަދަށް ތިބޭނެ ނަމޫނާ ބައެއްކަން ކަށަވަރުކޮށްދެމުން.

2025 ވަނަ އަހަރުގެ ތެރޭގައި ބޮޑެތި ކާމިޔާބު ހޯދިއްޖެކަން ފާހަގަކުރާނީ، އެހާރާއި މިހާރުގެ މިރަށުގެ ބަދަހި ރަށްވެހިންނަށް އިޙްތިރާމްކުރުމާއެކުގައި، މިއީ ކުރިމަގަށް އެޅުނު ހަނދާން ނައްތާނުލާނެ ހަރުދަނާ ބިންގަލެއް ކަމަށް ދެކެމުން.

ހިންގާނެ ޙަރަކާތްތަކަކީ:-

  • މަސްވެރިކަމުގެ މުބާރާތް
  • އިންސްޓްގްރާމް މެދުވެރިކޮށް ފަތުރާ، އިނާމުދޭ ވާދަވެރި ކުޅިވަރުތައް
  • ސަގާފީ މަރުކަޒު އާންމުކުރުން.

އެހީދީގެން ބައިވެރިވުމުގެ ފުރުޞަތު

ދަރަވަންދުއަށް ޒިޔާރަތްކުރުމުގެ އަހަރު 2025، ދަރަވަންދޫ ކައުންސިލުން ފާހަގަކުރަނީ، އެކިއެކި އެހީދީގެން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެންނެވެ. މުޅި އަހަރުގެ ތެރޭގައި މެދުކެނޑުމަކާ ނުލައި ޙަރަކާތްތައް ހިންގުމަށް އެހީދީގެން ބައިވެރިވާނެ ފަރާތްތައް ހޯދުމަށް ކަށަވަރުކަމާއެކު އެހީތެރިވެދޭނެވެ.

އެހީދީގެން ބައިވެރިވާން ބޭނުންވާ ކޮންމެ ފަރާތަކަށް މަރުޙަބާ ކިޔުމަކީ އުފަލެކެވެ. ޚާއްޞަކޮށް އެކުގައި އެއްވާނެއްގައި އެހީދިނުމުގައި ދެމިތިބި އެހީތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން އެހީ ދެވޭނެ ލުއިފަސޭހަގޮތްގޮތް ހަމަޖައްސާފައިވާނެއެވެ. ހަމައެއާއެކު، އެހީދޭން ތިބި ފަރާތްތަކަށް މި ޙަރަކާތުގައި ހިމެނޭ ވަކިވަކި ކަންކަމަށާއި ބައިބަޔަށް އެހީދިނުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.

އަގުވަޒަންކުރުން އަދި ލިބޭނެ ފައިދާ:-

ދަރަވަންދޫ ކައުންސިލުން ދޭ ކަށަވަރުކަމަކީ، އެހީދޭ ދީލަތި އެހީތެރިންގެ އަގު ވަޒަންކުރާނެއެވެ. މި ޚާއްޞަ ޙަރަކާތްތައް ހިންގުމަށް ވެދޭ އެހީއާއެކު އެފަރާތްތަކުން ފޯރުވައިދޭ ވިޔަފާރީގެ ޚިދުމަތްތައް އާންމުންނަށް އިތުރަށް އެނގި އޮޅުންފިލައިގެން، މަޤްބޫލުކަން އިތުރުވުމަށް މި ޙަރަކާތުގެ ތެރެއިން މަގުފަހިވާނެއެވެ.