މާޅޮސްމަޑުލު ދެކުނުބުރީގައި، ވިދަވިދައި އޮތް ސާފު ކަނޑުގެ ތެރޭގައި އޮތް ދަރަވަންދޫއަކީ، ކުރިއަރައިގެންދިއުމުގެ ވިސްނުން ހުރި އުންމީދީ ރަށްވެހި ރަށެކެވެ. ޒަމާނީ ތަރައްޤީއަށް އަމާޒު ހިފާފައިވާ ރަށެކެވެ. މި ރަށުގެ ތަރައްޤީގެ ޕްލޭނުގައި ފަތުރުވެރިކަމަށް ޚާއްޞަ ސަމާލުކަމެއްދީގެން ކުރިމަގަށް އުންމީދީ ކަންތައްތަކެއް ކުރުމަށް ކަނޑައަޅާފައިވެއެވެ.
ދުރުވިސްނުމުގެ ތެރެއިން ފުންކޮށް ބަލައިގެން އެކުލަވައިލާފައިވާ މިރަށުގެ ތަރައްޤީގެ ޕްލޭނުގެ ސިޔާސަތު 36، ޚާއްޞަ ކޮށްފައިވަނީ، ރަށްފުށު ފަތުރުވެރިކަން ކުރިއެރުވުމަށެވެ. ވަކިން ޚާއްޞަކޮށް މި ސިޔާސަތުގެ ތެރޭގައިވާ، 36.11 ގައިވަނީ ދަރަވަންދުއަށް ޒިޔާރަތްކުރުމުގެ އަހަރެއް ކަނޑައެޅުމެވެ.
މިކަން މިގޮތަށް މި މަގުން ކަނޑައެޅީ، މާޒީގައި ލިބުނު ތަޖުރިބާއިން އެނގި ފާޅުވި ކަންކަމުގެ އަލީގައްޔާއި، ކުރިމަގަށް އޮތް އުންމީދުގެ ބޮޑުކަމާއެކުގައެވެ. ގުދުރަތީ މުއްސަނދި މާހައުލެއް ވަށައިގެން އޮތް ދަރަވަންދޫ ޚާއްޞަ ގޮތެއްގައި ފާހަގަވަނީ، ސާފު މޫދުގައި ރީތި ނަލަ މުރަކަތަކުން ޒީނަތްތެރިވެފައި އޮތް މުއްސަނދި ހަނިފަރުގެ ކައިރީގައި އޮތުމާއެކުގައެވެ. ބަލައި ފޫހިނުވާހައި ރީތި އެންމަޑިއާއި މާސިންގާ ފެހުރިއްސާއި، ވެލާ ކަހަނބުން ސަރަހައްދަށް އައިސްފައިވާ ނަލަކަމުން ހިތްތަކަށް ހާއުފާވެރިކަން ގެނެސްދޭނެތީއެވެ. ފަތައި ފީނާއިރު ކުރިން ނުކުރެވޭނޭ އެތައް ތަޖުރިބާއަކާއި އުފާވެރި ފުން އިޙްސާސްތަތަކެއް ފަތުރުވެރިންނަށް ކުރާނެތީއެވެ.
އަރައިގެން އަންނަ އިރުގެ ދޯދިތަކާއެކު، ހޭލަމޭލަވާނީ ފެހިކަންގަދަ ގަސްކަރައިގެ ތެރޭގައި ހަދާފައިވާ ސާފު ވެލީގެ މަގުމަތީގައި ސާފު ވައިގެ ތެރޭގައި ފުންކޮށް ނޭވާލަމުން ބުރުޖަހާނީ ބައިސްކަލުގައެވެ. ކައިބޮއި ހަދާނީ އަމިއްލައަށް އުފައްދާ ރަހަމީރު ކާނާތަކުންނެވެ. މި ނާދިރު މާޙައުލަށް އަންނަ ކޮންމެ ފަތުރުވެރިއަކާ ބައްދަލުކުރާނީ، ތަރުޙީބުގެ ރަމްޒުތަކާއި ހޫނު ސަލާންގަލާން ކުރުމާއެކުގައެވެ.
މި ގެނެސްދެނީ، ދަރަވަންދޫގެ ތަރައްޤީގެ ޕްލޭނުގެ ތެރޭގައި، ފަތުރުވެރިކަން ކުރިއަރުވައި، ފަތުރުވެރިންގެ މަޤްބޫލުކަން ހޯދުމަށް ކުރަން ރާވާފައިހުރި ކަންކަން.
ދަރަވަންދޫގެ ތަރައްޤީގެ ޕްލޭން 2022-2026
ޕޮލިސީ 36: ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުން
36.1 ކުރު މުއްދަތުގެ ކޯސްތައް ހިންގުން
36.2 ފަންނީ ފަރާތްތައް މެދުވެރިކޮށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން
36.3 ނައިޓްލައިފް ސެންޓަރެއް ގާއިމުކުރުން
36.4 ގެސްޓް ބީޗް ކަނޑައެޅުން
36.5 ގެސްޓް ބީޗުގައި ހަޓްތަކާއި ފާޚާނާ/ޝަވަރ ގާއިމުކުރުން
36.6 ޑައިޓް ޖެޓީއެއް ގާއިމުކުރުން
36.7 ދަރަވަންދޫ ސަން ސެޓް ޑެކް ގާއިމުކުރުން
36.8 އައުޓްޑޯ ކުޅިވަރު ކޯޓުތައް އެޅުން
36.9 އިންޓަރ ގްރޭޑް ޓޫރިޒަމް ޒޯނެއް ކަނޑައެޅުން
36.10 ވޯޓަރ ސްޕޯޓްސް ގާއިމުކުރުމަށް ވަކި ޒޯނެއް ކަނޑައަޅައި ބިން ދޫކުރުން
36.11 ފަތުރުވެރިކަން ކުރިއެރުވުމަށް ބޯޑެއް އެކުލަވައިލުން
36.12 ވިޒިޓް ދަރަވަންދޫ 2025 ފާހަގަކުރުން
36.13 ޑެސްޓިނޭޝަން ޕްރޮމޯޓް ކުރުމަށް ތަފާތު ޙަރަކާތްތައް ހިންގުން
36.14 ބަގީޗާ ރަށެއްގެ ގޮތުގައި ދަރަވަންދޫ ކުރިއެރުވުމަށް މަސައްކަތްކުރުން