ޕިކްނިކް ބީޗް ހުޅުވުން

23 ޖޫން 2024

ޕިކްނިކް ދިއުމަށް ޚާއްޞަކޮށްގެން ޕިކްނިކް ބީޗްގެ ގޮތުގައި ތަރައްގީކޮށްފައިވާ ސަރަހައްދު ރަސްމީކޮށް ހުޅުވައިފިއެވެ.  މިދިޔަ އަޟްހާ ޢީދުދުވަހު މި ބީޗް ހުޅުވައިދެއްވީ ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ސަމީހެވެ.

މި ބީޗަކީ ދަތުރުދާ ފަރާތްތަކަށް ހިތް ފަސޭހަ ތަނެއްގެ ގޮތުގައި ހެދުމަށް، ކައުންސިލްގެ ފަރާތުންވަނީ މި ތަނުގައި ތަފާތު އެކި އެކި ވަސީލަތްތައް ގާއިމުކޮށްފައެވެ.  އެގޮތުން ދަތުރުދާ ފަރާތްތަކުން ބޭނުންކުރުމަށް ބަދިގެއާއި ފާޚާނާ ބަރިއެއް ހަދައިފައިވެއެވެ.  އަދި ނަމާދުކުރުމަށް ނަމާދުގެއެއްވެސް މި ސަރަހައްދުގައި ބިނާކޮށްފައިވެއެވެ. 

ފުނަގަސްތައް ގިނަ މި ސަރަހައްދުގައި ދަތުރުދާ ފަރާތްތަކުން އިށީނުމަށްޓަކައި އުނދޯލި އަދި ޖޯލިފަތިތައް ބެހެއްޓިފައިވެއެވެ.  އަދި މި ސަރަހައްދުގެ އެންމެ ޚާއްޞަ އެއްކަމެއްގެ ގޮތުން ފާހަގަކުރެވެނީ ކުޑަ ކުދިން މޫދަށް އެރުމަށްޓަކައި ހަދާފައިވާ ކުޑަ މޫދެވެ.

ޕިކްނިކް ބީޗް ތަރައްގީކުރުމުގައި މައިގަނޑު ގޮތެއްގައި މަސައްކަތްކޮށްފައިވަނީ ކައުންސިލްގެ މުވައްޒަފުންނެވެ.  މަދު ދުވަސްކޮޅެއްގެ ތެރޭގައި މަސައްކަތް ނިންމައިވަނީ ދުވާލާއި ރޭގަނޑު ވަރަށް ބުރަކޮށް މަސައްކަތްކޮށްގެންނެވެ.  ޕިކްނިކް ބީޗް ހުޅުވުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސްވަނީ މިކަން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

ކައުންސިލްގެ އުއްމީދަކީ ޕިކްނިކް ބީޗް ބޭނުންކުރާ ފަރާތްތަކުން ތަނުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމެވެ.