ދަރަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމުކުރި މަގޭ ދަރަވަންދޫ ކާބޯތަކެތީގެ މައުރަޒު ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
2025 ނޮވެންބަރު 1 ވަނަ ދުވަހު ދަރަވަންދޫ މަގޭ ބަގީޗާގައި ބޭއްވުނު މި މައުރަޒުގައި ތަފާތު ވައްތަރުތަކުގެ ކާބޯތަކެތި ބައިވެރިކުރެވި، އާންމުންގެ ފަރާތުން ލިބުނު ތަރުޙީބަކީ ޚާއްޞަކޮށް ފާހަގަކޮށްލެވޭ ކަމެކެވެ. މި މައުރަޒަކީ ”ދަރަވަންދޫއަށް ޒިޔާރަތްކުރާ އަހަރު 2025“ އާ ގުޅުވައިގެން ކުރިއަށް ގެންދެދެވުނު އިސްތިރާތީޖީ ހަރަކާތެއްކަމަށް ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ސަމީޙު ވިދާޅުވިއެވެ.
މައުރަޒުގެ ވަނަތައް އިޢުލާންކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސަމީޙު އިތުރަށް ފާހަގަކުރެއްވީ، ”ދަރަވަންދޫގެ ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށް ރަށުވަންތަ ދިވެހި ރަހަތަކެއް މި މައުރަޒުން ތަޢާރަފުކޮށްދިނުމަކީ އަޅުގަނޑުމެންގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް“ ކަމަށެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ މައުރަޒުގައި ތަކެތި ބައިވެރިކޮށްދެއްވި އެންމެހައި ފަރާތްތަކަށާއި މައުރަޒު ކާމިޔާބުކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޚާއްޞަ ޝުކުރެއް އަދާކުރައްވަމުންނެވެ.
މުބާރާތެއްގެ ގޮތުގައި ބޭއްވުނު މި މައުރަޒުގެ ކެޓެގަރީތަކަށް އިންސާފުކޮށްދެއްވީ ރޯޔަލް އައިލޭންޑް ރިސޯޓްގެ އެގްޒެކެޓިވް ޝެޕް ފާއިޒް އިދްރީހާއި ސޮނިވާފުށި ރިސޯޓްގެ ޗެފްޑީކުޒީން ޢަބްދުﷲ ޞަބާޙެވެ. މައުރަޒުގައި ތަކެތި ބައިވެރިކުރެވޭ ކެޓެގަރީތަކަކީ މާކެޓް ކެޓެގަރީ، ނޮން މާކެޓް ކެޓެގަރީ އަދި ބެވަރޭޖް ކެޓެގަރީއެވެ. މާކެޓް އަދި ނޮން މާކެޓް ކެޓެގަރީއިން 1 ވަނައަށް 6000 ރުފިޔާ 2 ވަނައަށް 4000 ރުފިޔާ އަދި 3 ވަނައަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. ބެވަރޭޖް ކެޓެގަރީއިން 1 ވަނައަށް 3000 ރުފިޔާ 2 ވަނައަށް 2000 ރުފިޔާ އަދި 3 ވަނައަށް 1000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. އަދި އެންމެ ގިނަ އަދަދެއްގެ އައިޓަމް ބައިވެރިކުރާ ފަރާތަށް 5000 ރުފިޔާގެ ފައިސާގެ އިނާމުދެވިފައިވެއެވެ. މީގެ އިތުރުން އަންހެނުންގެ ކޮމިޓީގެ ފަރާތުން މަދުވެގެން 50 އައިޓަމް ބައިވެރިކުރި ކޮންމެ ފަރާތްތަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމުދީފައިވެއެވެ.
މައުރަޒުގެ ވަނަތައް ހޯދި ފަރާތްތައް
މާކެޓް ކެޓެގަރީ
1 ވަނަ ކަދޫ ބޮނޑި (އިރަމާ)
2 ވަނަ ސޯޅިޔާ ހުނި (އިރަމާ)
3 ވަނަ ސަގާފީ ބިސްކޯދު (މަމެންގެ މަލާފަތް)
ނޮން މާކެޓް ކެޓެގަރީ
1 ވަނަ ބަނބުކެޔޮ ބޮޑިބަތް (އިރަމާ)
2 ވަނަ ބަރަބޯ ރިހަ (ރަންހާރު ބައިޓްސް)
3 ވަނަ ކަނޑު ކުކުޅު (އިރަމާ)
ބެވަރޭޖް ކެޓެގަރީ
1 ވަނަ ކަށިކެޔޮ ބަތްޕެން (ރަންހާރު)
2 ވަނަ އާފަލު ކަނދި (އަމަނަމާ)
3 ވަނަ ކަނަމަދު މިލްކްޝޭކް (ޒައިނަބު ކިޗަން)
އެންމެ ގިނަ އައިޓަމް ބައިވެރިކުރި ފަރާތް
އަމަނަމާ (268 އައިޓަމް)
މަގޭ ދަރަވަންދޫ ބްރޭންޑް ދެވޭ 10 އައިޓަމް
- ކަދޫ ބޮޑި (އިރަމާ)
- ސޯޅިޔާ ހުނި (އިރަމާ)
- ސަގާފީ ބިސްކޯދު (މަމެންގެ މަލާފަތް)
- ފޮނި ރޮށި (ދިވެހި ރަހަ)
- މުރުމުރު (ޒައިނަބު ކިޗަން)
- ކުދި ގުޅަ (ތިންރަހަ)
- މަދު ރޮށި (ޒައިނަބު ކިޗަން)
- ވެލާ ޗޮކްލެޓް (ފަނާގަ)
- ހުނިހަކުރު (ރަންހާރު)
- ހަކުރުލީ ކާށި (އަމަނަމާ)


