Your browser version is outdated. We recommend that you update your browser to the latest version.

ދަރަވަންދޫގެ މަޢުލޫމާތު


 

                    މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫއަކީ އާބާދީގައި (2015 އޮކްޓޯބަރު މަހުގެ ނިޔަލަށް) 1076 މީހުން ދިރިއުޅޭ މިއަތޮޅުގެ އިރުމަތީ ބިތުގައިވާ ރަށެކެވެ.

 

ރަށުގެ ދިގުމިނުގައި (ގާތްގަޑަކަށް) 1330 މީޓަރު ހުރިއިރު ފުޅާމިނުގައި (ގާތްގަޑަކަށް) 480 މީޓަރު ހުރެއެވެ. ބޮޑުމިނުގައި (ގާތްގަޑަކަށް) 57 ހެކްޓަރު ހުރެއެވެ. ދަރަވަންދޫއަކީ ބ އަތޮޅަށް ބަލާއިރު ބިމުގެ ސައިޒްގެގޮތުން ތިންވަނައަށް އެންމެ ބިންބޮޑު ރަށެވެ.  ދަރަވަންދޫއާއި، ބ އަތޮޅުގެ ވެރިކަން ކުރާރަށް، އޭދަފުއްޓާއި ހުރި ދުރުމިނަކީ (ގާތްގަޑަކަށް) 6 މޭލެވެ. ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި ދެމެދު ހުރި ދުރުމިނަކީ (ގާތްގަޑަކަށް) 117.74 ކިލޯމީޓަރެވެ.

 

ދަރަވަންދޫގައި ޑޮމެސްޓިކް އެއަރޕޯރޓްގެ ޚިދުމަތް ފެށިގެން ދިއުމާއި ގުޅިގެން، ބ އަތޮޅުގެ ދަތުރުފަތުރުގެ ނާރެހެއްގެ ގޮތުގައި ދަރަވަންދޫ ވެގެން ގޮސްފައިވެއެވެ. ބ އަތޮޅުގައި ޤާއިމުކުރެވިފައިވާ 9 ރިސޯޓަށް ފަތުރުވެރިން ގެންދިއުމުގައި މައިގަނޑުގޮތެއްގައި ބޭނުންކުރެވެނީ ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯރޓެވެ.

 

ދަރަވަންދޫ އޮންނަ ސަރަޙައްދުގައި ހިމެނޭ "ހަނިފަރު ބޭ" އަދި  "ދަރަވަންދޫ ތިލަ" ފާހަގަކުރެވެނީ ގުދުރަތީ ގޮތުން ޚާއްޞަ ތަންތަނުގެ ގޮތުގައެވެ.

 

ދަރަވަންދޫގެ އެކިއެކި ދާއިރާތަކުގެ މަޢުލޫމާތު ކުރުކޮން:

ތަޢުލީމީ ދާއިރާ:

            ކުރީގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ބ. އަތޮޅުގެ ރަށްތަކަށް ކުރެއްވެވި ޒިޔާރަތެއްގައި ދަރަވަންދޫއަށް ވަޑައިގެން ބ އަތޮޅުގެ ތަޢުލީމަށް މަދަރުސަތުލް ސަޢާދާގެ ނަމުގައި މަކްތަބެއް އަޅުއްވާދެއްވިއެވެ.   މި މަކްތަބް ވެގެންދިޔައީ ބ އަތޮޅުގެ ތަޢުލީމުގެ ބިންގާ ކަމުގައެވެ.

ޒަމާނީ ތަޢުލީމަށް ދަރަވަންދޫގައި ތަޢުލީމު ދިނުމަށްޓަކައި، ބ އަތޮޅު ޕްރައިމަރީ ސްކޫލްގެ ނަމުގައި ސްކޫލްއެއް ހުޅުވުނީ 1979 މާރިޗު 11 އެވެ.  މި ސްކޫލް ހުޅުއްވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމެވެ.  ފަހުން ބ އަތޮޅު ޕްރައިމަރީ ސްކޫލްގެ ނަމުން، ދަރަވަންދޫ ޕްރައިމަރީ ސްކޫލްގެ ނަމަށް ބަދަލުކުރެވިފައިވެއެވެ.

 

ޖަޕާނު ސަރުކާރު ހިލޭ އެހީގެ ދަށުން ސްކޫލެއް ބިނާކުރެވި ބ. އަތޮޅު މަދަރުސާގެ ނަމުގައި ސްކޫލް ހުޅުވުނީ 1986 ޖަނަވަރީ 21 އެވެ.  މި ސްކޫލް ހުޅުއްވާދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލް މުޙައްމަދު ޒާހިރު ޙުސައިންއެވެ.

1989 ވަނަ އަހަރު ފުރަތަމަ ފަހަރަށް ހެޑްމާސްޓަރަކާއި ބިދޭސީ ޓީޗަރަކު ސްކޫލުގައި ޚިދުމަތްކުރަން ފެއްޓެވިއެވެ.   2000 ވަނަ އަހަރުން ފެށިގެން ޘާނަވީ އިމްތިޙާނު ހަދަން ފެށިފައިވެއެވެ.

 

ސްކޫލް ޢުމުރާނީ ތަރައްޤީއަށް  ސަރުކާރުގެ ފަރާތުން 4 ކްލާސްރޫމުގެ (ދެބުރި ޢިމާރާތެއް) ޢިމާރާތް ކޮށްދެއްވާފައިވެއެވެ.ސްކޫލްގެ ބެލެނިވެރިންގެ އެހީތެރިކަމާއެކު ކޮމްޕިއުޓަރ ލެބެއް ޤާއިމުކުރެވިފައިވެއެވެ. އަދި ހެޔޮ އެދޭ ފަރާތްތަކެއްގެ އެހީގައި އިތުރު 6 ކްލާސް ރޫމާއި ސައިންސް ލެބް އަދި ލައިބްރަރީ ހިމެނޭ ގޮތަށް ދެ ބުރީގެ ޢިމާރާތްކުރެވިފައިވެއެވެ.

 

ސިއްޙީ ދާއިރާ:

                ދަރަވަންދޫގައި ހެލްތް ޕޯސްޓް ހުޅުވުނީ  2004 މާރިޗު 20 ގައެވެ.   ހުޅުއްވާދެއްވީ މިނިސްޓަރ އޮފް އިންފޮރމޭޝަން އަލްފާޟިލް އަޙްމަދު ޢަބްދުﷲއެވެ.    ފުރަތަމަ ޚިދުމަތް ދެވިފައިވަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 7:30 ން މެންދުރު ފަހު 2:30 ހަށެވެ.  އަދި ރޭގަނޑު 8:30 ން 10:30 އަށް ޖުމުލަ 9 ގަޑިއިރެވެ.

ހެލްތު ޕޯސްޓް ޞިއްޙީ މަރުކަޒަކަށް ބަދަލުކުރެވި ޚިދުމަތްތައް އިތުރުއަށް ފުޅާކުރެވިފައިވެއެވެ.  ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު ޚިދުމަތްތަކުގެ ތެރޭގައި ލެބޯޓްރީގެ ޚިދުމަތާއި، އީސީޖީ އަދި އެމްބިއުލާންސްގެ ޚިދުމަތް މިހާރު ހިމެނެއެވެ. 2013 ޖުލައި 16 ވަނަ ދުވަހުން ފެށިގެން ޞިއްޙީ މަރުކަޒުގެ ޚިދުމަތް 15 ގަޑިއިރަށް ވަނީ ބަދަލުކުރެވިފައެވެ.

ދަރަވަންދޫގައި ޑޮމެސްޓިކް އެއަރޕޯޓް އެއް ޤާއިމްކުރެވި ޚިދުމަތް ދޭން ފެށުމާއި އެކުގައި، ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑީއިރަށް ބަދަލުކުރެވިފައިވެއެވެ.